ޞަފްޙާތަކުން…

އަހަރެންގެ ހަޔާތާ މެދު ކުރަމުންދާ ފިކުރުތައް ގަލަމުގެ ޒަރިއްޔާއިން ކަރުދާހުގައި ލިޔެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ. ހިތުގައިވި ޝަކުވާތަކާއި ބުނަން ބޭނުން ނުވެ ހުރި ބަސްތައް ދެލީގެ ގޮތުގައި ގަނޑުގެ މައްޗަށް ފޫދެމުން ދަނީއެވެ. ލިޔާ ކޮންމެ ބަހަކީ އެތަކެއް މާނަތަކެއް އެކުލެވިގެންވާ ވާހަކަތަކެކެވެ. އެ ވާހަކަތަކަކީ އެންމެނަށް ޝާއިއު ކުރުމަށް ބޭނުންވާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް މިހާރު މިވާހަކަތަކުގެ ނިމުން ގާތް ވަނީއެވެ. ލިޔަމުންދާ ގަލަމުގެ ދެލި ހުސްވަނީއެވެ. ފޮތުގެ ގަނޑުތައް ފުރެނީއެވެ.

ފޮތުގެ ބަނޑޭރިން ފަށަމާހެއްޔެވެ. އަހަންނަކީ ނުކުޅުދޭ މީހެކޭ ބުނެވިދާނެހެއްޔެވެ؟ އަހަރެން އުފަންވީ އެންމެ ކިޑްނީ އަކާއި އެކީގައެވެ. މީހުންނަށް މިކަން އެނގުމުން ވަރަށްދެރަވާނެއެވެ. އޯގާތެރިކަމާއި ހަމްދަރުދީން ފުރިގެންވީ ލޯތަކުން ބަލާނެއެވެ. އެކަމަކުވެސް އަހަރެން އެއްވެސް މީހެއްގެ ހަމްދަރުދީއެއް ބޭނުމެއްނުވެއެވެ. އެމީހުންނަށް ކުރެވޭ ކަމެއް އަހަންނަށްވެސް ކުރެވޭނެއެވެ. އަދި އެކަން އެމީހުންނަށް ދައްކައިވެސްދޭނަމެވެ.  ނަމަވެސް އެ އެންމެންގެ ތެރެއިން އަހަރެންގެ ސަމާލުކަން އަތުލައިގަތީ އެންމެމީހެކެވެ. އެއީ ހަމްދާނެވެ. އޭނާއަކީ އަހަރެންގެ ލިޔުންތަކުގެ މައިގަނޑު އެއްވާހަކައެވެ. އެންމެ ދިގު އެއްވާހަކައެވެ.

ފޮތުގެ ޞަފްޙާތައް އުކާލަމާހެއްޔެވެ. ހަމްދާނާއި އަހަރެންގެ ގުޅުން ފެށުނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އަހަރެން ބޮޑުވަމުން އައީ ހޮސްޕިޓަލުގެ ހަތަރު ފާރުތެރޭގައެވެ. އަހަންނަށް ބޭނުންވާ ވަރަށް ލޭ ފޯރުކޮށްދެނީ އެ މަރުކަޒުންނެވެ. އެހެންވެ އެތަނަކީ އަހަރެންގެ ގެ ކަމުގައި ބެލެވިދާނެއެވެ. ސައުވީސް ގަޑިއިރު އެއްތާކު އުޅުމަކީ ވަރަށް ބައިވަރު މީހުން ފެނި ދެނިވާނެ ކަމެކެވެ. ހަމްދާނާއި ދިމާވީވެސް އެގޮތަށެވެ.

އަހަރެންގެ ހާލު ބެލުމަށް ވަކިޚާއްޞަ ޑަކުޓަރެއްހުރެއެވެ. ނަމަވެސް އެއްދުވަހު ބަލިވެ ނައީއެވެ. އޭނައަށް ނާދެވުމުން އެތަން ފުރަން އައީ ހަމްދާނެވެ. އޭނާއަކީ ޑަކްޓަރުކަން ކިޔަވަމުންދާ ކުއްޖެކެވެ. އޭނާ އައިސް އަހަރެންގެ ހާލަތު ބަލައި ކުރަންވީ ކަންކަން ކުރެއެވެ. އެކަނިވެރިކަން ފިލުވައިދިނީ އޭނައެވެ. ބަނޑުހައިހޫނުވުމުން ކާނެ އެއްޗެއް ގެނެސްދިނީ އޭނައެވެ. އަހަރެންގެ އަސްލު ޑަކްޓަރުގެ ބަލި ރަނގަޅުވި ކަމަކަށް ނުހެދިއެވެ. އެހެންނަމަވެސް އަހަންނާއި ހަމްދާންގެ ގުޅުންދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. އެކުވެރި ހިނިތުންވުންތައް ލޯބީގެ ފެށުންތަކަކަށް ބަދަލުވަމުން ދިޔައެވެ. އެންމެފަހުން ހަމްދާން އަހަރެންގާތު ކައިވެނިކުރުމަށް އެދުނެވެ. އޭނާ އެކަމަށް އެދުނުބަސްތަކަކީ ހަނދާނުން ފިލައިގެން ދާނެ ބަސްތަކެއްނޫނެވެ.

"ސުހާ… މަށާ ކައިވެނި ކުރަންވީނުން؟"

އަހަންނަށް ބޯޖަހާލުން ނޫންކަމެއް ކުރުމަށް ނުކުޅެދިގެންވީ ހާލު އެކަމަށް އެއްބަސްވީމެވެ.

އެހެން ޞަފްޙާއެއް ބަލައިލަމާ ހެއްޔެވެ. އަހަންނާއި ހަމްދާންގެ ކައިވެންޏަށް ދެ އަދަދުގެ އަހަރުތައް ގުނަމުން ދަނީއެވެ. ހޮސްޕިޓަލާއި ކައިރިން ހަމްދާން ކުއްޔަށްނެގި ގެއަށް ބަދަލުވީމެވެ. އަދިވެސް ލޭ ހޮޅިތައް ގުޅުމަކަށް މެދުކެނޑުމެއް ނާދެއެވެ. އެހެންވެ ހަމްދާން ކޮންމެ ދުވަހަކު އަހަރެން ގޮވައިގެން އެތަނަށް ދާންޖެހެއެވެ. އޭނާ މިކަންކުރަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ރުޅިވެރިކަމެއް، ފޫހިކަމެއް ނެތިއެވެ. އޭރު އަހަންނަށް އެކަންވީ އޭނާ ލޯބިން ކޮށްދިން ކަމެއްގެ ގޮތުގައެވެ. އަހަންނަށް އެއަށްވުރެ ބޮޑަށް އެހެންމީހަކު އަހަރެން ދެކެ ލޯބިވާނެ ކަމަކަށް ޤަބޫލެއްނުކުރެވުނެވެ. އޭނާ އަހަރެން ދެކެވަނީ ހަޤީގީ ލޯތްބެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ.

ފޮތުގެ ކަޅުކަންގަދަ ޞަފްޙާތަކެވެ. ކުއްލި ގޮތަކަށް އަހަރެން އެޑްމިޓްވާން ޖެހުނެވެ. މާބޮޑަށް ލޭ މަދުވީއެވެ. އަހަންނާ އެކީ ހަމްދާން އައެވެ. އަހަރެން އެނދުގައި ބޭއްވި އިރުވެސް އަހަރެންގެ އަތުގައި ހިފައިގެން ހުއްޓެވެ. ހީވީ އޭނާ އަހަރެން އަތުން ދޫކޮށްލައިފިނަމަ ވަޔާ އަހަރެން ގެންގޮސް ދާނެހެންނެވެ. ދެން އެންމެ ފަހުން އަތުން ދޫކޮށްލިއެވެ. އަދި ދޮރާއި ދިމާއަށް ދާން ތެދުވިއެވެ.

"އޯކޭވާނެ. އެ މީހުން ކުޑަ އޮޕަރޭޝަނެއް ކުރަން އެ އުޅެނީ، އޭރުން ނުޖެހޭނެ މި ތަނަށް އަންނާކަށް" ލުއި ހިނިތުންވުމަކާ އެކު އޭނާ ބުންޏެވެ. ދެންވީ ގޮތް ދެނެވޮޑިގެން ވަނީ އަހަރެން ހެއްދެވި ފަރާތެވެ.

ފޮތުގެ ފަހުގަނޑުތަކެވެ. އަހަންނަށް ހޭވެރިކަންވީ އިރު އަހަރެން ވަށައިގެން ހުރީ ލައިޓްތަކެކެވެ. އޮޕަރޭޝަން ނިމުނީ ބާއެވެ. އިރުކޮޅަކު އޮވެލާފައި އެތަން މިތަން ބަލައިލީމެވެ. އަތަށް ޖަހާފައި ހުރި ކަށީގެ އަދަދު ގުނުން މާ ބުއްދިވެރިއެއްނޫނެވެ. މިވީ ކިހިނެއް ބާވައެވެ. އެތަންމިތަނަށް ލޯހިންގާލިއިރު އަހަރެންގެ ލޯ އަޅައިގަތީ އެއްމެ ކަމެއްގައެވެ. އެއީ އަހަރެންގެ އޮތް އެނދާ ޖެހިގެން އޮތް އެނދުގައި އޮތް މީހާއެވެ. އެރީތި އިސްތަށިގަނޑާއި ލުއިހިނިތުންވުމަކީ އަހަރެން ހަނދާނުން ފޮހެވޭނެ މަންޒަތުރަކެއް ނޫނެވެ. އާއެކެވެ. އެ އެނދުގައި އޮތީ ހަމްދާނެވެ. އޭނާގެ އަތަށްވެސް އޮތީ އަހަރެންގެ އަަތަށްވެސް ގުޅާފައި ހުރި ވައްތަރުގެ އެތައް ބައިވަރު ހޮޮޅިތަކެއްގުޅާފައެވެ.

"ހަމްދާން…" ހާސްވެފައިހުރި އަޑަކުން އޭނާއަށް ގޮވާލެވުނެވެ. އަހަރެންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުން މަޑުމަޑުން ލޯ ހުޅުވައިލިއެވެ.

"ސުހާ…" އޭނާ ފެށިއެވެ.

"މަދެކެ ރުޅި ނާންނައްޗޭ. ސުހާއަށް ތަހައްމަލު ކުރަންޖެހުނު ވޭނަށް އަހަރެން ނިމުމެއް ގެނެސް ދިނީ. ދެން އަބަދު ހޮސްޕިޓަލަށް އަންނާކަށް ނުޖެހޭނެ. އޯކޭއެއްނު؟" އޭނާ ސުވާލުކުރިއެވެ.

ނޫނެކެވެ. އޯކޭއެއް ނޫނެވެ. އޭނާގެ އެއްބައި އަހަންނަށް ދިނުން އޯކޭއެއް ނޫނެވެ. އެކަމަކު އެކަން އެކުރީ އެވެ. އަހަރެންގެ ވޭންތަކަށް ނިމުމެއް ގެނެސްދިނީއެވެ. އެއީ ލޯތްބެވެ. އެތައް އަހަރަކުން އެޅުނު ވަރުގަދަ ބިނާއެކެވެ.

ފޮތުގެ ގަނޑުތައް ހުސްވީއެވެ. ލިޔުނު ވާހަކަތައް ފަނޑުވަނީއެވެ. އެ ވަރުގަދަ ބިނާގައި ރެނދުލަނީއެވެ. ކޮންމެ ޤުރުބާނީއަކީ އެކަމުގައި އެތަކެއް ވިސްނުންތަކެއް ވާނެ ކަމެކެވެ. އެކަމަކު ކޮންމެ ފަހަރަކުު އެ ވިސްނުންތައް ވިސްނަންޖެހޭ ހެއްޔެވެ؟ ޤުރުބާނީއެއްވެވޭނީ ނަތީޖާއާ މެދު ވިސްނާފައި ހެއްޔެވެ؟

ނިމުނީ