މައްޗަންގޮޅީގެ ކުދިންނަށް ތަޢުލީމް ޙާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިންދެވި އޮށުގެ ހިޔާ މިވަނީ މިއަދު މުޅި ރާއްޖެއަށް ފެތުރިފަ.

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުން
ލީޑިންގ ޓީޗަރުންނާއި ލޮބުވެތި ޓީޗަރުން
އަހްމަދިއްޔާ އެލުމުނައި އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުން
އަޅުގަނޑުގެ އެކުވެރި ދަރިވަރުން

އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަ ބަރަކާތުހް

ކުޑަކުޑަ އޮށަކުން ގަހެއް ފަޅައި ހެދި ބޮޑުވުމުގެ މަރުހލާތައް ކަޑައްތުކުރާ ފަދައިން އަޅުގަނޑުމެންގެ މި ލޯބިވާ ސްކޫލަކީ ވަރަށް އާދައިގެ ފެށުމަކުން ފެށިގެން ގޮސް، މިއަދު ދިވެހިރާއްޖެއަށް ތަޢުލީމީ ރޮނގުން އެންމެ ހިޔާ ބޮޑު އެންމެ ރީތި މާއަޅާ އަދި އެހާމެ މީރު މޭވާ ލިބޭ ގަހޭ ބުނުމުން ދޮގަކަށްނުވާނެ.

ވޭތުވެގެންދިޔަ 43 އަހަރު، މި ގަހުގެ މޫތައްވަނީ ހއ.ތުރާކުނުން އައްޑޫ ސިޓީއާ ހަމައަށް ދުވެފަ. މިގަހުގެ ގޮފިތައް ވަނީ ވަރުގަދަވެފަ. މަދަރުސާގެ މުދައްރިސުންނާއި ދެވަނައެއް ނެތް ފަދަ ތަރުބަވީ ނިޒާމު ހިންގުމުގައި ޤާއިމްވެތިބި މެނޭޖްމަންޓަކީ މި ގަހުގެ ގޮފިތައް. މިގަހުގެ ފޮނި މޭވާއަކީ އަޅުގަނޑުމެން މި ސްކޫލުގެ ދަރިވަރުންނާއި ދަރިވަރުންގެ ފަޚުރުވެރި ކާމިޔާބީތައް.

އަޅުގަނޑުމެންގެ ލޮބުވެރި ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދު އަބަދުވެސް ވިދާޅުވާފަދައިން އަދި މި ޤައުމު މިއަދު ހެކިވާނެ ފަދައިން މިއަދު އަޅުގަނޑުމެންގެ ސްކޫލަކީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ބްރޭންޑް. ޤައުމުގެ އެތައް ޚިދުމަތްތެރިންނާއި އިސްވާރުންނާއި، އަދި ދުނިޔޭގެ ފެންވަރުގައި ވެސް ބަސް ވިކޭ އެތައް ޝަޚްޞިއްޔަތުތަކެއް ތަމްރީނުވެ ޢިލްމު ޙާޞިލްކުރީ މި ތަރުބަވީ ހިޔަލުން. މި ސްކޫލު މި އަދު މިދެކޭ ކާމިޔާބާއި، ހަރުދަނާކަންމަތީ ދެމިހުރުމަށް ކަށަވަރުކޮށްދޭ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ އެކަމުގައި ސާބިތުވެ ހުންނެވީ އަޅުގަނޑުމެންގެ ލޮބުވެތި ޕްރިންސިޕަލް މުހައްމަދު ރަޝީދު. އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތު ތަކާއި ރޭވުންތެރި ކަމުގެ އަލީގައި މި ސްކޫލަށްވަނީ ގުނާއަދަދު ނުކުރެވޭ ކުރިއެރުންތަކެއް ހޯދަދެއްވާފަ. އެހެންކަމުން މިފުރުސަތުގައި ލޮބުވެތި ޕްރިންސިޕަލްއަށް އަޅުގަނޑުމެން ހުރިހާ ދަރިވަރުންނާއި އެންމެންގެ ނަމުގައި ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަން.

ޑީ. އަޙްމަދު ދީދީ ވުޖޫދު ކުރެއްވި މި ދަނޑަށް ފެންދީ ހޭހަން ކުރައްވާ ތިޔަ މެނޭޖްމެންޓުގެ އެންމެހާ މެމްބަރުނަށް ފަށްފަށުން ޝުކުރު ދަންނަވަން. ހަމަ މިނޭވައިގައި އަޙްމަދިއްޔާގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަރުގައިވާ އެންމެހާ ލޮބުވެތި މުދައްރިސުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިއަދު އޮފިވެ ގޮފިވަމުން މިދާ ގަސް ވުޖޫދުވުމުގެ އަސްލުކަމުގައިވާ އަލްމަރްޙޫމް ޑީ އަޙްމަދު ދީދީއަކީ މި ކުޑަކުޑަ ގަހަށް، އެންމެ ބޮޑަށް ހޭހަން ކުރަން ބޭނުންވި ދުވަހު މި ގަހަށް ލޯބިދީ އަޅައިލާ އެ ޚިދުމަތް ކުރެއްވި އަޅުގަނޑުމެންގެ ލޮބުވެތި ބާނީ. 1982 އަދި 1983 ވަނަ އަހަރު އަޙްމަދިއްޔާ ގެ 200 ދަރިވަރުންގެ ކިޔެވުމާ ބެހޭ ހުރިހާ ޚަރަދުތަކެއް ޑީ އަޙްމަދު ދީދީ ގެ ދެކަނބަލުން ކުރެއްވި. ފޮތާ ފަންސުރާއި ޔުނީފޯރމްގެ ޚަރަދުތައް ހަމަޖެއްސެވި.
ކޮންމެ އަހަރަކު އަންނަ މި ދުވަހަކީ، އެ މަތިވެރި ޚިދުމަތުގެ ޒިކުރާގެ ރަން ހަނދާންތަކަށް، އިރުގެ ދޯދިތަކުން އަލިކަށް ދޭ ދުވަސް އެ ހަނދާންތައް ތެވެލި ކޮށްދޭ ދުވަސް.

މައްޗަންގޮޅީގެ ކުދިންނަށް ތަޢުލީމް ޙާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިންދެވި އޮށުގެ ހިޔާ މިވަނީ މިއަދު މުޅި ރާއްޖެއަށް ފެތުރިފަ. ނަތީޖާއަކީ މި މަދަރުސާއަކީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކަގެ ދަރިވަރުން ތަޢުލީމު ޙާސިލްކުރާ އެންމެ މަޤްބޫލު ސްކޫލަށްވުން.

ތެޔާޅީސް އަހަރު ފުރުމާއެކު، ކިޔާ މިތަހުނިޔާ އުފަލުން
ހިޔަފެތުރޭ މިއަދު ބާނީގެ ޒިކުރާތައް މިއާކުރަމުން

އެތައް އުންމީދުތައް ކުރެވޭ ހިނދުން އައި ހެޔޮ މުނާސަބުގައި
ހިތަށް ކުރެވޭ ތަޞައްވަރުގައި ދެޔޭ އެބަ ގައިމެ ކުލަޖެހުމުން​

އުފެއްދުންތެރި އީޖާދީ ވިސްނުމެއްގެ ސަބަބުން އުފަންވި މި ތަޢުލީމީ ބިނާގެ ބާނީ އަލްމަރްޙޫމް ޑީ އަޙްމަދު ދީދީގެ ފުރާނަފުޅަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ކުރިއެރުން އިތުރުކުރުމަށްޓަކައި، ސްކޫލް މެނޭޖްމެންޓާއި، ޓީޗަރުންނާއި ދަރިވަރުން އެކުގައި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން
وَمَا تَوْفِيقِي إِلَّا بِاللَّهِ عليه توكلت واليه انيب

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް

 

އެޑިޓަރުގެ ނޯޓު: މިއީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 43 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 21 ފެބްރުއަރީ 2025 ގައި އަޙްމަދިއްޔާ ގައި ބޭއްވި ޚާއްޞަ އެސެމްބްލީ ގައި ސްކޫލްގެ ހަޔަރ ސެކަންޑަރީ ސްކޫލް ކެޕްޓަން ޝުޢާއު އިސްމާޢީލް ޝާން 12 ޖީ ދައްކާފައިވާ ވާހަކަ ކޮޅެވެ.