ދިވެހިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގޮތްގޮތަށް ހަދާ ފޮނިކާތަކެތި ކެއުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބައެކެވެ. އެގޮތުން ސްވީޑަންއަށް ނިސްބަތްވާ ޓޮސްކާ ކޭކު، ނުވަތަ ސްވީޑިޝް އަލްމަންޑް ކޭކަކީ ތައްޔާރު ކުރަން ފަސޭހަ، ރަހަމީރު ފޮނިކާއެއްޗެކެވެ.
ކޭކަށް ބޭނުންވާ ތަކެތި:
100 ގްރާމް ބަޓަރު
2 ކުކުޅު ބިސް
¾ ޖޯޑު ހަކުރު
¾ ޖޯޑު ފުށް
1 ސައިސަމުސާ ބޭކިންގ ޕައުޑަރ
¼ ޖޯޑު ކިރު
½ ސައިސަމުސާ ވެނީލާ އެސެންސް
އެލްމަންޑް ޓޮޕިންގްއަށް ބޭނުންވާ ތަކެތި:
1 ޖޯޑު އަލްމަންޑް (ތުނިކޮށް ކޮށާފައި)
100 ގްރާމް ބަޓަރު
¼ ޖޯޑު ހަކުރު
2 މޭޒުމަތީ ސަމްސާ ރޯ ކިރު
2 މޭޒުމަތީ ސަމްސާ ފުށް
ތައްޔާރުކުރާނެ ގޮތް:
ކޭކު އެޅުމަށްޓަކައި އެންމެ ފުރަތަމަ، ބަޓަރު ވިރުވާލާފައި ހިހޫ ވަންދެއް އެއްފަރާތް ކޮށްލާށެވެ. އެއަށްފަހު، އަވަން 175 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އަދި ކޭކު އަޅާ ޓްރޭގެ އެތެރޭގައި ސައިސަމްސަލެއްހާ ބަޓަރުކޮޅެއް ހާކާލުމަށްފަހު ބޭކިންގ ޕޭޕަރުން ލައިން ކުރާށެވެ.
ބޯތަށްޓެއްގައި ބިހާއި ހަކުރާއި ރަނގަޅަށް އެއްކޮށްލާށެވެ. އިލެކްޓްރިކް މިކްސަރަކުން ނުވަތަ ވިސްކަކުން ވެސް މިކަން ކުރެވިދާނެއެވެ. ތައްޔާރުކުރެވުުނު މިކްސްގެ ތެރެއަށް ފުށާއި، ބޭކިންގ ޕައުޑަރާއި، ކިރާއި ވެނީލާ އެސެންސް އަދި ބަޓަރު ވެސް އެއްކޮށްލާށެވެ. މި މިކްސް އޮމާންވުމުން ގިރުން ހުއްޓާލާށެވެ.
ކުރިން ތައްޔާރުކުރި ކޭކު ޓްރޭތެރެއަށް މި މިކްސް އޮއްސާލުމަށްފަހު، ހޫނުކުރަން ޖެއްސި އަވަނުގައި 20 މިނެޓުވަންދެން ފިހެލާށެވެ.
އެލްމަންޑް ޓޮޕިންގް ހެދުމަށްޓަކައި މެދުގިނީގައި ތެލި ހޫނުކުރުމަށްފަހު، އޭގައި ބަޓަރު ވިރުވާލާށެވެ. އެއަށްފަހު، ބަޓަރުކޮޅު ތެރެއަށް ހަކުރާއި، ތުނިކޮށް ކޮށާފައި ހުރި އަލްމަންޑާއި، ކިރާއި، ފުށް އެއްކޮށްލާށެވެ. އަދި އެންމެ މަޑު ގިނީގައި މި ތަކެތި 2 މިނެޓުވަންދެން ހޫނުކުރާށެވެ. ދޭތެރެ ދޭތެރެއިން ދޭފަތުން ހާކާލަމުންނެވެ.
ކޭކު ފިހެވި ނިމުމުން، ކޭކު މައްޗަށް އަލްމަންޑް ޓޮޕިންގް އަޅާލާށެވެ. އަދި ކޭކުގެ މަތީބައި ރަން މުށި ކުލައަށް ބަދަލުވަންދެން އަވަނުގައި އަނެއްކާވެސް ފިހެލާށެވެ.
ނޯޓު: އަލްމަންޑްގެ ބަދަލުގައި އޯޓްސް، ވޯލްނަޓް، ހޭޒަލްނަޓް، އަދި ޕިސްޓާޗިއޯވެސް ބޭނުންކުރެވިދާނެއެވެ.