ކަދުރުގެ ގުދުރަތީ ފޮނިމީރުކަމާއި ދިވެހީންގެ ބަދިގެތެރެ ފަޅުފިލުވާލަދޭ ހުނީގެ އެކުވެރި ރަހަ އޭގައި އެކުލެވިގެންވާ ކޮކޮނަޓް ޑޭޓް ބައިޓްސް އަކީ ރޯދަވީއްލާ ވަގުތު އަނގަފޮނިކޮށްލުމަށްޓަކައި އެންމެންނަށް ވެސް ކަމުދާނެ އެއްޗެކެވެ. އަދި ހަދާލަން އެހާމެ ފަސޭހަ ނޯ-ބޭކް ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
1 ޖޯޑު ކަދުރު (އޮށްނަގާފަ)
½ ޖޯޑު ހުނި
½ ޖޯޑު ފުނޑުކުރި މާރީ ބިސްކޯދު
2 މޭޒުމަތީ ސަމްސާ ގީ / ބަޓަރ
2 މޭޒުމަތީ ސަމްސާ މާމުއި
2 މޭޒުމަތީ ސަމްސާ ޕީނަޓް ބަޓަރ
½ ސައިސަމްސާ ވެނީލާ އެސެންސް
ރަހަލާ ވަރުގެ ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކަދުރުކޮޅު މަޑުކޮށްލުމަށްޓަކައި ހޫނުފެނުގައި 5 މިނެޓު ބެހެއްޓުމަށްފަހު ރަނގަޅަށް އެއްވެ، ތަތްލަވާ ޕޭސްޓަކަށް ވަންދެން ފުޑް ޕްރޮސެސަރެއް ނުވަތަ މިކްސަރެއްގައި ކަދުރުތައް އެއްކޮށްލާށެވެ.
އެއަށްފަހު ތަވައެއްގައި ގީ (ނުވަތަ ބަޓަރު) ވިރުވާލުމަށްފަހު ކަދުރު ޕޭސްޓް ތަވަައަށް އަޅާށެވެ. ދެން ހުންޏާއި ފުނޑުކުރި މާރީ ބިސްކޯދާއި މާމުއިކޮޅާއި ވެނީލާ އެސެންސާއި ޕީނަޓް ބަޓަރ އަދި ލޮނު އަޅަމުން މެދުގިނީގައި ހޫނުކުރަމުން ރަނގަޅަށް އެއްކޮށްލާށެވެ.
އެއްކުރުމަށްފަހު ޓްރޭއެއްގައި ޕާރޗްމެންޓް ޕޭޕަރ އަޅާ، ތަވާގައި އެެއްކުރި މިކްސްޗަރ އެއަށް އޮއްސާލާށެވެ. މަތި ރަނގަޅަށް އެއްވަރު ކޮށްލަން ހަނދާންބަހައްޓާށެވެ. ދެން އައިސްއަލަމާރީގައި ދޮޅު ގަޑިއިރާއި ދެގަޑިއިރާއި ދެމެދު ނުވަތަ ގަނޑުކުރާ ބައިގައި 30 މިނެޓު ވަންދެން ބަހައްޓާށެވެ.
ރަނގަޅަށް ފިނިވެ ހަރުވެލުމުން ޕާރޗްމެންޓް ޕޭޕަރ ގެ އަރިމަތިތަކުގައި ހިފައިގެން ޓްރޭއިން ނަގާ ކަޓިންގ ބޯޑެއް މަތީ ބާއްވާށެވެ. އެއަށްފަހު ތޫނު ވަޅިއަކުން ކޮށާ ބޭނުން ސައިޒަކަށް ބައިބައިކޮށްލާށެވެ. އަދި އޭގެ މައްޗަށް އިތުރު ހުނިކޮށެއް ސްޕްރިންކަލް ކޮށްލާށެވެ.