ބުރާސްފަތި, 24 އޭޕްރިލް 2025

ރަހަފަތް: ތައި ޝްރިމްޕް ކޭކް

ދިވެހިންގެ މެދުގައި ތައިލޭންޑްގެ ޑިޝްތަކަށް އޮތް މަޤްބޫލްކަމާއި، ކުޅި ކާއެއްޗެތީގެ ބާވަތްތަކަކީ ދިވެހިންނަށް އަބަދުވެސް ކަމުދާ އެއްޗަކަށްވުމުން، ތައި ޝްރިމްޕް ކޭކަކީ ދިވެހިންނަށް ވަރަށް ކަމުދާނެ، އަދި ތައްޔާރު ކޮށްލަން  އެހާމެ ފަސޭހަ ޑިޝްއެކެވެ.

ބޭނުންވާ ތަކެތި:

3 ކޮތަންބިރި މޫ

2 ލޮނުމެދު ކޮށާފައި

½ ސަމްސާ ކޮށާފައި ހުރި މިރުސް

2 ސައިސަމްސާ ލޮނު

500 ގްރާމް ޕްރޯންސް ނުވަތަ ޝްރިމްޕް

½ ސަމްސާ ބޭކިންގް ޕައުޑާ

2 ޖޯޑު ޕާން ކުނޑި

ތެއްލަން ގެންގުޅޭ ތެލީގެ ⅓ އަށް ވާވަރަށް ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ކޮތަނބިރިއާާއި ލޮނުމެދުކޮޅާއި، އަސޭމިރުހާއި އަދި ލޮނު މިކްސަރަށް އަޅާ، ޕޭސްޓަކަށް ވަންދެން އެއްކޮށްލާށެވެ. އެއަށްފަހު، ޝްރިމްޕް (ނުވަތަ ޕްރޯން)  އަދި ބޭކިންގް ޕައުޑާ މިކްސަރު ތެރެއަށް އަޅާލައި، 30 ސިކުންތު ވަރު، ހިމުން ވަންދެން އެއްކުރާށެވެ.

ޝްރިމްޕް ކޭކް ހެދުމަށްޓަކައި  މޮޑެވުނު މަސްގަނޑުން 1 މޭޒުމަތީ ސަމްސާ ނަގާފައި، ގުޅައެއްހެން އަތުން މޮޑެލާށެވެ. (މަސްގަނޑު މާ ބޮޑަށް ތަތްލަވާނަމަ އަތުގައި ފެންފޮދެއް އުނގުޅާށެވެ). މިގޮތަށް މަސްގަނޑު ހުސްވަންދެން ގުޅަ ހަދާށެވެ.

ޓްރޭއަކަށް ނުވަތަ މެދު މިނެއްގެ ބޯތަށްޓަކަށް ޕާންކުނޑި އަޅާލުމަށްފަހު، އޭގެތެރެއަށް މި ޝްރިމްޕް ގުޅަތައްލައި، ޕާންކުނޑީގެ ފަށަލައެއް ލެވޭނެ ގޮތަށް މަސްގުޅަތައް ފުރޮޅާލާށެވެ.

ހުރިހާ ޝްރިމްޕް ކޭކްތަކެއްގައި ޕާންކުނޑިލާ ނިމުމުން ތަށްޓަކަށް ނަގާފައި ތެލުލަންދެން ބަހައްޓާލާށެވެ.

ދެން، ތެއްޔެއްގެ ⅓ ފުރާ ތެޔޮ އާޅާލުމަށްފަހު، 5 މިނެޓު ވަންދެން މެދު ގިނީގައި ހޫނުކުރާށެވެ. އެއަށްފަހު، ޝްރިމްޕް ކޭކުތައް ތެލަށްލާފައި،  އެއްވަރަކަށް ރަންމުށި ކުލަ އަރަންދެން ތެއްލާށެވެ. އަދި ތެލުލާ ނިމުމުން، ތެލިން ނަގާފައި ޓިޝޫ އަޅާފައި ހުރި ތަށްޓެއްގައި އަތުރާލާށެވެ. އޭރުން ހަރުލާފައި ހުރި ތެޔޮ ބޭރުވާނެއެވެ.

ތައްޔާރުކުރެވުނު ޝްރިމްޕް ކޭކް ޗިލީ ސޯސް ފަދަ ސޯސްއާއި ޖަހައިން ކެވޭނެއެވެ.