ރަހަފަތް: ޝަކްޝޫކާ

ޝަކްޝޫކާ އަކީ އިރުމަތީ އެފްރިކާގެ ޑިޝްއެކެވެ. އަދި މިއީ ރޯދަ ވީއްލާ ގަޑިއަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކެއުމެކެވެ. ޝަކްޝޫކާ އަކީ ޕިޓާ ބްރެޑް، ނާން ނުވަތަ ރޮއްޓާއި އެކު ވެސް ކާލަން ވަރަށް މީރުވާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި:

  • 6 ބިސް
  • 1 ދަޅު ޕީލްޑް ޓޮމާޓޯ
  • 1 ސައި ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 1 ސައި ސަމްސާ ޕަޕްރިކާ ޕައުޑާ
  • 1 ކުޑަ ކޯޅި ކޮރިއެންޑާ ކުދިކޮށް ކޮޝާފަ
  • 1 ފިޔާ ތުނިކޮށް ކޮށާފައި
  • 3 ލޮނުމެދު ކުދިކޮށް ކޮށާފަ
  • ½ ސައިސަމްސާ ދިރި
  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • ރަހަ ލާވަރަށް ލޮނާއި އަސޭމިރުސް
  • 1 ކުޑަ ބެލް ޕެޕާ ތުނިކޮށް ކޮށާފައި
  • 1 ސައިސަމްސާ ޗިލީ ފްލޭކްސް
  • 1 ސައި ސަމްސާ ހަކުރު
  • 1 ސައި ސަމްސާ ހިކި ޕާސްލީ
  • މޮޒަރެއަލާ ޗީޒް

ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި އޮލިވް އޮއިލް ކޮޅު ހޫނުކުރާށެވެ. އެއަށް ފަހު ފިޔާ އަޅާ މީރުކޮށްލާށެވެ. ދެން ލޮނުމެދު ކޮޅު އާއި ބެލް ޕެޕާ ކޮޅު އަޅާށެވެ. އިރުކޮޅެއް ވަންދެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށް ފަހު  ޕަޕްރިކާ ޕައުޑާ، ދިރި، ޓޮމާޓޯ ޕޭސްޓް، ޗިލީ ފްލޭކްސް އަދި ހިކި ޕާސްލީ އެޅުމަށް ފަހު އެއްކޮށް ހަނާކޮށްލާށެވެ.

ދެން ޕީލްޑް ޓޮމާޓޯ އަޅާފައި ދޭފަތަކުން ޕީލްޑް ޓޮމާޓޯ ކޮޅު ކުޑަކޮށް ޗަސް ކޮށްލާށެވެ. އިރުކޮޅެއް ވަންދެން ކައްކާލައި ހަކުރުކޮޅު، ލޮނު އަދި އަސޭމިރުސް އަޅާށެވެ. މަޑު ގިނީގައި ކައްކާލައި ޓޮމާޓޯ ސޯސް އޮލަވަންދެން ކައްކާށެވެ.

ސަމްސަލަކުން ނަމަވެސް ސޯސްގަނޑުގައި ކުޑަ އަޑިކޮޅު ތަކެއް ހަދާށެވެ. އަދި ކޮންމެ އަޑި ކޮޅަކަށް ބިހެއް ތަޅާފަ އަޅާށެވެ. ބިސްތައް އެޅުމަށް ފަހު އެއްވެސް ގޮތަކަށް އެއްނުކުރާށެވެ. ތަވާގައި މަތިޖަހާލައި ގާތްގަނޑަކަށް 5 މިނެޓު ވަންދެން ކައްކާލާށެވެ.

ގާނިޝްކޮށްލަން މައްޗަށް ޗީޒް ކޮރިއަންޑާ ފަތްކޮޅު އަޅާށެވެ.