މިއީ ދިވެހީންގެ ތެރޭގައި ވަރުގަދަ މަޤުބޫލުކަމެއް ހޯދާފައިވާ އޯރިއޯ ބިސްކޯދު ބޭނުންކޮށްގެން ނުހަނު ފަސޭހަކަމާއެކު ހަދާލެވޭ މީރު ފޮނިކާއެއްޗެކެވެ.
ބޭނުންވާނެ ތަކެތި
ކްރީމް ޗީސް (ފިނިކަނޑުވާފައި)
އޯރިއޯ ބިސްކޯދު (ކްރީމް ޗީސްގެ ކޮންމެ 28 ގުރާމަށް 3 ބިސްކޯދުގެ ނިސްބަތުން)
ބޭކިންގް ޗޮކުލެޓު
ޓޮޕިންގްސް (މިސާލަކަށް ސްޕްރިންކަލްސް، ޗޮކްލެޓް ޗިޕްސް)
ތައްޔާރުކުރާނެ ގޮތް:
1. ފުޑް ޕްރޮސެސަރެއްގައި ބިސްކޯދު ހިމުންވަންދެން މުގުރާށެވެ. ނުވަތަ ކުޑަކޮށް ހަފާލެވޭ ގޮތަކަށް ހަދަން ބޭނުންވާނަމަ ފުރަތަމަ އެއްބައި ބިސްކޯދު ހިމުންކޮށް މުގުރުމަށްފަހު ބާކީ ބިސްކޯދުތައް ޕްރޮސެސަރަށް އަޅާށެވެ. އަދި ފަހުން އެޅި ބިސްކޯދުތައް މުޅިން ހިމުން ވިޔަނުދީ މުގުރާށެވެ. (ފުޑް ޕްރޮސެސަރެއް ނެތްނަމަ ކޮތަޅަކަށް ބިސްކޯދު އަޅައި ރަނގަޅަށް ބަންދުކުރުމަށްފަހު ރޮށިދަމާ ރޯލިންގ ޕިން އަކުން ފިއްތާ މުގުރާށެވެ).
2. ބޯތަށްޓެއްގައި މުގުރި ބިސްކޯދާއި ކްރީމް ޗީސް ރަނގަޅަށް ދިޔާވަންދެން އެއްކޮށްލާށެވެ.
3. ޓްރޭއެއްގައި ޕާރޗްމެންޓް ޕޭޕަރ އެޅުމަށްފަހު އެއްކުރި މިކްސްޗަރުން ކުދި ބޯޅަ ވަށާށެވެ. ބޯޅަތަކުގެ ދިގުހުރަހުގައި 1 އިންޗި ހުރުމުން ރަނގަޅުވާނެއެވެ. ބޯޅަ ހެދުމަށްފަހު ޓްރޭގެ މަތީގައި ބަހައްޓާށެވެ.
4. ބޯޅަތައް ރަނގަޅަށް ހަރުކޮށްލުމަށްޓަކައި 30 މިނެޓު ވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ. ނުވަތަ 15 މިނެޓު ވަންދެން ގަނޑުކުރާ ބައިގައި ބެހެއްޓުމަކުން ވެސް މައްސަލައެއް ނެތެވެ.
5. އައިސްއަލަމާރީގައި ބޯޅަތައް ބަހައްޓާ ވަގުތުގެ ތެރޭގައި ބޭކިންގ ޗޮކުލެޓުކޮޅު ވިރުވާލާށެވެ. އެގޮތުން ފުރަތަމަ ޗޮކުލެޓުކޮޅު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ތަވައެއްގައި 4 މިނެޓާއި 6 މިނެޓާއި ދެމެދު މަޑުގިނީގައި ކައްކާށެވެ. ކައްކަމުންދާއިރު ދޭތެރެދޭތެރެއިން ދޭފަތަކުން ކުޑަކޮށް އެއްކޮށްލަން ވާނެއެވެ. ނުވަތަ މައިކްރޯވޭވް ބޭނުންކުރިޔަސް ރަނގަޅުވާނެއެވެ. އެގޮތުން 20 ސިކުންތު ވަންދެން މައިކްރޯވޭވްގައި ބެހެއްޓުމަށްފަހު ނަގައި، ކުޑަކޮށް ގިރާލުމަށްފަހު އަނެއްކާ ވެސް 20 ސިކުންތު ވަންދެން މައިކްރޯވޭވް އަށް ލާށެވެ. ޗޮކުލެޓު ރަނގަޅަށް ވިރެންދެން މިގޮތަށް ތަކުރާރުކުރަމުން ގެންދާށެވެ.
6. ވިރުވި ވޮކުލެޓުކޮޅު ބޯތަށްޓަކަށް އެޅުމަށްފަހު ދެ އޫ ބޭނުންކޮށްގެން ފަހަރަކު ބޯޅައެއް ޗޮކުލެޓަށް ލާށެވެ. އެއަށްފަހު އޫތައް ބޭނުންކޮށްގެން މުޅި ބޯޅައިގެ ބޭރުގައި ޗޮކުލެޓު ހާކާލުމަށްޓަކައި ބޯޅަ ފުރޮޅާލާށެވެ. ރަނގަޅަށް ހޭކުމުން ބޯޅަ ނަގާ އަނބުރާ ޓްރޭއަށް ލާށެވެ.
7. ބޭރުގައި ހޭކި ޗޮކުލެޓު ހިކުމުގެ ކުރިން އެކުއްޖަކު ބޭނުން ޓޮޕިންގްސް ބޯޅަތަކުގެ މައްޗަށް އަޅާށެވެ. މުގުރި އޯރިއޯ ބިސްކޯދުތަކުގެ ތެރެއިން ބާކީވެފައި ހުރި ބިސްކޯދު ކުނޑި ވެސް މިކަމަށް ބޭނުންކުރެވިދާނެއެވެ.
8. ބޭރުގައި ހޭކި ޗޮކުލެޓު ހަރުކޮށްލުމަށްޓަކައި އަނެއްކާ ވެސް އައިސްއަލަމާރީގައި 15 މިނެޓާއި 30 މިނެޓާއި ދެމެދު ބަހައްޓާށެވެ. އެންމެ ރަނގަޅު ގޮތަކީ ކެއުން ތައްޔާރުކުރާ ވަގުތު ޖެހެންދެން އައިސްއަލަމާރީގައި ބެހެއްޓުމެވެ.