ފަސް މިނެޓު؟ ދެ މިނެޓު

ޖިއާންގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު އެހިތްދަތި ހާދިސާގެ ހަނދާންތައް ހިތުގައި އާވެ، އަހަރެންގެ ދެލޯ ކަރުނުން ތެންމާލައެވެ. އެހާދިސާއަކީ ހިތުގައި ބިންވަޅު ނެގިފައިވި ހާދިސާއެއްކަން ޔަޤީނެވެ. އޭނާގެ ތަސްވީރަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވޭނެ ތަސްވީރެއް ނޫނެވެ. އޭނާއަށް އެދިމާވި ގޮތަކީ އަހަރެންގެ މައްސަލައެކެވެ. އެކަމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަމެވެ. އެކަމަކު….. މި ތަކުލީފުން އަހަރެންނަށް މިންޖުވެވިދާނެ އެއްވެސް ގޮތެއް އެބައޮތްހެއްޔެވެ؟

އަހަންނަކީ ކިޔަވައިގެންހުރި މޮޅު ޑަކުޓަރެކެވެ. މިދާއިރާގައި އަހަރެން މަސައްކަތްކުރާތާ ދިހަވަރަކަށް އަހަރު ވެދާނެއެވެ. އަހަރެން ޚާއްޞަވެފައިވަނީ ހިތުގެ އޮޕަރޭޝަން ކުރުމަށެވެ. އަހަންނަކީ މީހުންގެ މެދުގައި ނަންމަޝްހޫރު މީހެކެވެ. މިހާތަނަށް އަހަރެންކުރި އޮޕަރޭޝަންތަކަކީ ކާމިޔާބުކަމާއެކީ ނިމިފައިވާ އޮޕަރޭޝަންތަކެކެވެ. އަހަރެންގެ މަސައްކަތުގެ ދާއިރާއަކީ ވަރަށް ނާޒުކުކަމެއްގެ މައްޗަށްބިނާވެފައިވާ ދާއިރާއެއްކަމުން އަހަންނަށް ވަރަށް ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. ވާނީވެސް އެހެންނުންހެއްޔެވެ؟ ކިތައްމީހުންގެ މަރުވުމާ ދިރިހުރުން އަހަރެންގެ އަތްމަތީ ވޭހެއްޔެވެ.

އަހަންނާއި ޖިއާންގެ ގުޅުމަކީ ކޮއްކޮއަކާއި ބޭބެއެއްގެ މެދުގައި އޮންނަފަދަ ގުޅުމެކެވެ. ވަރަށް ކުޑައިރުއްސުރެ އަހަރުމެން ދެމީހުން އުޅުނީ އެކުގައެވެ. ކުރި ކޮންމެ މަޖާކަމަކާ ލާނެތްކަމެއްވެސް ކުރީ އެކުގައެވެ. ފުރާވަރަށްއެޅިއިރުވެސް އެގުޅުމަށް ބަދަލެއްނާދެއެވެ. ޙާލުއަހުވާލު ބެލުމާ މަޖާ ވާހަކަދެއްކުމަށް ގުޅައިގެން އެތައް ވަގުތެއް ހޭދަކުރީމެވެ. އަހަރެންގެ އަތުގައި ރައްކާކޮށްފައި ބަހައްޓަން ބިރުގަންނަ އަގުބޮޑެތި ތަކެތި ޖިއާން އަތަށް ރައްކައު ކުރުމަށް ދެމެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައިއޮތީ ވަރުގަދަ ގުޅުމެކެވެ. ގުޑިގެންނުދާ އިތުބާރެކެވެ. ގާތް އިޚްލާޞްތެރި ކުލުނުވެރި ލޯތްބެކެވެ.

އެދުވަހު ޖިއާން އަހަރެން ގާތަށް އައިއިރު ހުރީ ކަންބޮޑުވެފައެވެ. މޫނުމަތިން ފެނުނީ ހާސްކަމެވެ. މީހާ ހުރީ ދާހިތްލާފައެވެ. ހިނިތުންވެލުމުން އެގޭ ރައްދެއް ނައެވެ. އަހަރެން ނުތަނަވަސްވިއެވެ. މިއަދަކީ އޭނާގެ ހިތުގެ އޮޕަރޭޝަން ކުރަންޖެހޭ ދުވަހެވެ. އޭނާގެ ހިތުގައި އިން ކުޑަކުޑަ ވިދު ބަންދުކުރަންޖެހޭ ދުވަހެވެ. އެ ވިދުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދެވައްތަރުގެ ލޭ އެކުވަނީއެވެ. ސާޖަރީއެއް ނުކޮށް އެކަމެއް ނުހުއްޓުވޭނެއެވެ. މިކަމުގެ އެންމެ ބިރުވެރިކަމަކީ، މިކަންކުރަންޖެހެނީ އަހަންނަށެވެ. ޖިއާން އަހަންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

ސާޖަރީ ކޮޓަރިއަށް ވެއްދި އިރުވެސް ޖިއާން އޮތީ ރޮވެންކައިރިވެފައެވެ. އެއީ ގައިމު އަހަންނަށްވުރެ އަހަރެއް ދޮށީ ބޮޑު ބޭބެ އެވެ. މިއީ އެހާ ސީރިއަސް ވަގުތެއް ނޫންނަމަ އޭނާ އޮތްގޮތްފެނި ޔަގީނުންވެސް އަހަރެން އޭނާއަށް މަލާމާތް ކުރީމުހެވެ. އެކަމަކު އަހަރެންވެސް ހުރި ހާސްކަމެއްގައެވެ. މިވަގުތު އޭނާގެ ދިރިހުރުމާއި މަރުވުން އޮތީ އަހަރެންގެ އަތްމަތީގައެވެ.

"އަހަރެން ސުހާއަށް އިތުބާރު ކުރާތީވެ ސުހާގާތަށް މި އައީ". އޭނާ އަހަރެންގެ އަތުގައި ހިފާފައި ބުންޏެވެ.

"ހޫން…. ޖިއާން މަރާލާކަށް މަ ނޫޅެމޭ" ހިނިގަނޑަކާއެކު އަހަރެން ބުނީމެވެ.

ސާޖަރީ ކުރަން ފެށުނެވެ. ފުރަތަމަ އޭނާ ހޭނެއްތީއެވެ. ދެން އޭނާގެ މޭ ކަފާލުމަށްފަހު ހިތް ނެގީމެވެ. އާނއެކެވެ. އޭނާގެ ހިތްވަނީ އަހަރެންގެ އަތުގައެވެ. އޭރުވެސް ވިންދު ޖަހައެވެ. އަހަރެން މިކަންކުރާތާ އެތައް އަހަރެއްވުމުން މިކަމަކީ އާއްމު ކަމެކެވެ. އެކަމަކު މިފަހަރު މިއީ ޖިއާންގެ ހިތެވެ. އޭނާގެ ފުރާނައެވެ. ހިތް ނަގާ ހިތަށް އިންޖެކްޝަން ޖެހީމެވެ. އެއީ ވަގުތުކޮޅަކަށް ހިތްހުއްޓުވުމަށެވެ. އަދި ހިތް ކުޑަކޮށް ކަފާލުމަށްފަހު ހިތުގައި އިން ވިދު ބަންދު ކުރީމެވެ. އެއަށްފަހު ހިތް އަބުރާ ޖިއާންގެ ހަށިގަނޑަށް ލުމަށްފަހު މޭމަތިން ކަފާލާފައިވާތަން ބަންދު ކުރީމެވެ. މިހުރިހާ ކަމެއްކުރުމުގައި އަހަރެންގެ ޓީމުގެ އެންމެން މަސައްކަތް ކުރިއެވެ. ނަމަވެސް އިސްމީހަކީ އަހަންނެވެ. އޭނާއަށް ކަމެއް ވެއްޖިއްޔާ އެއީ އަހަރެންގެ މައްސަލައެވެ.

ދެންއޮތީ ނޭވާ ހިފަހައްޓާލަންވީ ވަގުތުކޮޅެވެ. އެއީ ޖިއާންގެ ހިތް އަނބުރާ ވިންދުޖަހާތޯ ބަލާ ވަގުތުކޮޅެވެ. އަހަރެން އޭނާގެ ހިތަށްޖެހި އިންޖެކްޝަނަކީ ފަސްމިނެޓަށް ހިތް ހުއްޓުވާނޭ އިންޖެކްޝަނެކެވެ. މިހާރު ދެން ބާކީ އޮތީ އެންމެ މިނެޓެކެވެ. އޮތީ ކެތްކުރުމެވެ. ހެއްދެވި ފަރާތަށް ވަކީލުކުރުމެވެ.

އެއްމިނެޓު ނިމެން ކައިރިވަނީއެވެ. އިރުކޮޅަކުން އޭނާ ހޭއަރަން ވާނެއެވެ. ހުރިހާކަމެއްވެސް މިދަނީ ރަނގަޅަށެވެ. އެކަމަކު އަހަރެންގެ ހިތުގައި މިވަނީ ކޮން ހާސްކަމެއްހެއްޔެވެ؟ ގަޑި ޖެހިއްޖެއެވެ. އޭނާ ހެއެއް ނާރައެވެ. ބައެއް ހާލަތުގައި މިހެންވެސް ވާނެއެވެ. ދެން ޖެހޭނީ ކަރަންޓު ޝޮކް ދޭށެވެ. ގަދަކަމުން ހިތުގެ ވިންދު ފަށުވާށެވެ. އަހަރެންނާއި އަހަރެންގެ ޓީމުން އެކަން ކުރެވޭތޯ މަސައްކަތްކުރީމެވެ. އެކަމުގެ ފޮނި ނަތީޖާވެސް ލިބުނެވެ. ޖިއާންގެ ލޯހުޅުވުނެވެ.

"ސުހާ……. އަހަރެން……" ޖުމުލަ ނުނިމެނީސް އޭނާގެ ލޯމެރިއްޖެއެވެ.

އޭނާގެ މުޅިހަށިގަނޑު ނޫކުލައަށް ބަދަލުވަނީއެވެ. މިއީ އަހަންނަށް މަދުންނަމަވެސް ފެނިފައިވި މަންޒަރެކެވެ. މިއީ ނިމުމުގެ އަލާމާތެވެ. ދެން އަނބުރާ އޭނާއެއް ނުގެނެވޭނެއެވެ.

އަހަރެންނަށް ހުއްޓުން އެރިއެވެ. ހޯސްލާފައި ލޮލުން ކަރުނަ އޮހެންފެށިއެވެ. މިވީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އެހެން ހުއްޓާ އަހަރެންގެ ލޯއަޅައިގަތީ އޭނާގެ ހިތަށްޖެހި އިންޖެކްޝަނަށެވެ. އޭގައިވަނީ ދެ މިނެޓެވެ. އަހަންނަށް އޭނާގެ ހިތް ހިންގުވަން އުޅެވުނުލެއް ލަސްވީއެވެ. މިއީ އަހަރެންގެ މައްސަލައެވެ. ފަރުވާކުޑަކުރުމުގެ ނަތީޖާއެވެ. ދެން އެކަމަކު ޖިއާން އެނބުރި އަންނާނެ ހެއްޔެވެ؟ ޖަވާބު ސާފެވެ. ނޫނެކެވެ.

ނިމުނީ

  • އެޑިޓަރުގެ ނޯޓު: މި ވާހަކަ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރ 20 ން 23 އަށް ދަރިވަރުންގެ ހިޔާ އިން ބޭއްވި "ހިޔާ ޢީދު 24-25 ގެ ކުރު ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ.