ބުރާސްފަތި, 17 އޭޕްރިލް 2025

ދުނިޔޭގެ ލޯތަކަށް ދިވެހިން ފެނިގެންދާ ގޮތް

ސައުދާގަރާއި އޭނާގެ ދެދަރިންގެ ވާހަކަ އެއީ އަޅުގަނޑުމެންނަށް އާ ވާހަކައެއް ނޫނެވެ. އެންމެ ދަރުފަޔެއް ބިންދާލުމަކީ ދާކޮޅެއް އޮހޮރުވާނުލާ ވަރަށްވެސް ފަސޭހައިން ކުރެވޭނޭ ކަމެކެވެ. ނަމަވެސް ސައުދާގަރުގެ ދަރިންނަށްވެސް މުޅި ދަރުބޮނޑި އެކީ ބިންދާލުން ވެގެން ދިޔައީ ގޮންޖައްސާލަނިވި އުނދަގޫ ކަމަކަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. އަދި ވަކިވެގަތުމަކީ ލިބޭ ނިކަމެތިކަމެކެވެ. މި ބުނުމުގައި ހުރި ތެދުކަން އެންމެ ރަނގަޅަށް ދަނެ އެއަށް ޢަމަލު ކުރުމުގައި އެންމެ ކުރީގައި އުޅޭނޭ އެއް ބަޔަކީ އަޅުގަނޑުމެން ދިވެހިންނެވެ. ދުނިޔޭގެ ލޯތަކަށް އަޅުގަނޑުމެން ދިވެހިންނަކީ ރިވެތި އާދަތަކާ މާތް އަޚްލާޤަކުން ޒީނަތްތެރިވެގެންވާ ބައެކެވެ. އެއް އަޑަކުން އެކައްޗެއް ކިޔާ އަދި އެއްބައިވަންތަކަމާއި އެކުވެރި ކަމުގައި ލާމަސީލު ނަމޫނާ ދައްކާ ބައެކެވެ.

ކާބަފައިންގެ ޒަމާނުއްސުރެ ވެސް ދިވެހިންނަކީ އެކަނި އެއް ދަރުބޮނޑި ނާނދާނޭކަމަށް ޤަބޫލުކޮށް، އެކަކު އަނެކެއްގެ އުފަލުގައި ބައިވެރިވެ އަދި ކުރިމަތިވާ ހިތާމަވެރި ވަގުތުތަކުގައިވެސް އަނެކާއަށް އެހީގެ އަތެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ބައެކެވެ. މިގޮތުން ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމައަށް ދައްކުވާލަދިން އެއްދުވަހަކީ 2008 ވަނަ އަހަރުގެ ސާފް ޗެންޕިއަން ކަޕް ޤައުމީ ޓީމުން މިލްކުކޮށް، ރަންމެޑަލް ކަރަށް މަހާ ހުރެ ފަޚުރުވެރި ހިނިތުންވުމަކާއެކީ ދިވެހި ރައްޔިތުންނާ ބައްދަލުކުރި ދުވަހެވެ. އެކުވެރިކަމާ، ފޯރި އަދި ޖޯޝާއިއެކު ދިވެހިން ޤައުމީ އުފަލުގައި ބައިވެރިވީ އެއް އަޑަކުންނެވެ. ސިޔާސީ، ގިންތި އަދި ފަންތިތަކުގެ ފަރަގު ނެތިކޮށް ރަތާއި ފެއްސާއި ހުދުން ޖަރީވެފައިވާ ދިވެހި ދިދަ ވައިތެރޭ ވިހުރުވި ވިހުރުމުން ދިވެހިންނަކީ އެއްބަޔަކު އަނެއްބަޔެއްގެ އުފަލުގައި ބައިވެރިވާ ބައެއްކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ހަމަ މިއާއެކު 2004 ވަނަ އަހަރު ކުރިމަތިވީ ދެ ކާރިސާއިން ވެސް ދިވެހިން އަރައިގަތީ އިޙުސާންތެރި ކަމުގެ ސިފަ އިސްކޮށް އެހީތެރިކަމާއި އެކުއެވެ. ތުއްތު ޅަ ދިވެހި ދަރިންނާއި މަޢުސޫމް އެތަކެއް ފުރާނައެއް ކަނު އަނދިރީގެ ނާމާންކަމުތެރޭ ގެއްލި، ޒަޚަމްވީ އެނަމާ ބޯޓުގެ ހިތާމައިން އަރައިނުގަނެވެނީސް ދެން ކުރިމަތިލާންޖެހުނީ ސުނާމީގެ ބިޔަބޮޑު ނާމާން ރާޅުތަކާއެވެ. އެތަކެއް ދިވެއްސެއް ނިޔާވެގެން ދިޔަ މި ޙާލަތުގައި އަމިއްލަ އެދުން އެއްފަރާތްކޮށް ކާނޭ ތަކެއްޗާއި ލާނޭ ހެދުން ދިވެހިން ފޯރުކޮށްދިނީ ހެޔޮ ހިތުންނެވެ. ދިވެހިންގެ މި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ސިފައަކީ ދުނިޔެއަށް ދިވެހިން ދައްކުވާލާ އެންމެ ރީތީ އެއް މިސާލެވެ.

ބަވަނަވެފައިވާ 21 ވަނަ ޤަރުނަކީ އެކިއެކި މުޖުތަމައުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަރުދުންތަކެއް ފިކުރީ ހަނގުރާމައިގެ ޝިކާރައަކަށްވެ ނިމިފައިވާ ޒަމާނެކެވެ. ނަމަވެސް މި ހަލަބޮލިކަމުތެރޭ ހިންދު މާ ކަނޑުތެރޭ މުތީތަކެއްފަދައިން ވިދަމުން އަންނަ އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމު އިސްލާމީ ނޫރުން ވިދާލައެވެ. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްވެސް ފަޚުރާއި ޝަރަފާއި އެކީ އަޑުހަރުކޮށް ބުނެލާ އެއް ބަހަކީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމެވެ. ހިޖުރީ ގޮތުން 1153 ވަނަ އަހަރު އަބުލް ބަރަކާތުލް ޔޫސުފުލް ބަރްބަރީގެ އަތްޕުޅުމަތިން ރާއްޖެއަށް އިސްލާމީ ހިދާޔަތް ލިބި އަދާ ޖެހެންދެންވެސް އެ އިސްލާމީ ހުޅުކޮޅު އޮތީ ނުނިވިއެވެ. ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ޞައްޔާހުންގެ ޔައުމިއްޔާ ތަކުން ދިވެހިންގެ އިސްލާމީ ސުލޫކުތަކައް ރަނގަޅަށް ހާމަކޮށްދެއެވެ. މިގޮތުން ދެނަމާދު ދޭތެރޭ ރަށެއްގެ މަގުމަތިން ހިނގާލާފައި ދާއިރު ޔާސީން ސޫރަތުގެ މޫރިތި އާޔަތްތައް ނީވޭ ގެއެއް ނުހުންނާނެއެވެ. މީގެ އިތުރުން ދިވެހިންގެ މިނިވަންކަމާއި ތޮޅެ އިސްލާމްދީން ނައްތާލަން ޢަދުއްވުން އައި ކޮންމެ ފަހަރަކު ބޮޑުތަކުރުފާނު، ދޮންބަންޑާރައިން، އަލިރަސްގެފާނު އަދި ޝަހީދު ހުސެއިން އާދަމްފަދަ އެތައް ހިތްވަރުފުޅުގަދަ ބޭފުޅުންނެއް ވަނީ ދީނާއި ޤައުމުގެ އިސްލާމީ ނޫރު ހިމާޔަތްކޮށްފައެވެ. ދިވެހިންނަކީ އިސްލާމީ ތަރަހައިގެ ތެރޭ އުޅޭ އަދި އިސްލާމްދީން ހިމާޔަތްކުރުމުގެ މާތް މަޤްސަދަށްޓަކައި ޖިހާދުވާން ތައްޔާރަށް ތިބި ބަޔަކަށްވުމީ ދިވެހިންގެ ރީތި ދިރިއުޅުން ދުނިޔެއަށް ދައްކުވާލާ އަލިގަދަ ހެއްކެކެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ރަމްޒުކޮށްދޭ އެތަކެއް ފުރިހަމަ ބިންގާތަކެއް ފެނިގެން ދާނެއެވެ. މިގޮތުން ދިވެހިންގެ މަސައްކަތްތެރިކަމަށް ބަލާލާއިރު މާލޭގެ ހުކުރު މިސްކިތުގެ ކަނޑާނެގުމުގެ ފުރިހަމަކަމާއި ހިރިގަލުވަޑާންފަދަ ކަވި މަސައްކަތްތަކުގެ ފަރުމާގެ ރީތިކަން އެއީ ބުރަ އަދި ފަންނާއި ލާއިޤުކަން ބޭނުންވާނޭ މަސައްކަތްތަކެއްކަން އެނގިގެންދާނެއެވެ. ހއ.އުތީމުގައިވާ ކަނދުވަލު މިސްކިތުގެ ފަރުމާއާއި ނަލަކަން ފެނި އިންޑިއާގެ ކުރީގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެފައިވަނީ ކަނދުވަލު މިސްކިތަކީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ލާމަސީލު ނަމޫނާއެއްކަމެވެ.  މިކަމުން ދޭހަކޮށްދެނީ ބޭރުގެ ފަރާތްތަކުންވެސް ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ބަލައިގަންނަކަމެވެ. ހަމަ މިއާއެކު ދިވެހިންނަކީ ލިޔެލާ ޖެހުމާއި، ކުނާ ވިޔުމާއި، ރޯނުވެށުމާއި އަދި ގެތުންފަދަ އެތަކެއް ހުނަރުވެރި މަސައްކަތަކެއް ދަސްވެފައިވާ ބައެކެވެ. މި ހުރިހާ ތަކެތި ބޮޑު އަގުތަކުގައި ފަތުރުވެރިން ގަންނަމުން ދާކަމީ ދިވެެހިންގެ މަސައްކަތެރިކަން އެމީހުން ބަލައިގަންނަކަމުގެ ހެއްކެކެވެ. މީގެ އިތުރުން މަސްވެރިކަމާއި، ރުއްރާއެރުމާއި، ދަނޑުވެރިކަން ފަދަ ސަޤާފީ މަސައްކަތްތަކުން މިޒަމާނުގެ ޢިދާރީ މަސައްކަތްތައް ކުރުމުގައިވެސް ދިވެހިން ގެންގުަޅޭ އުކުޅުތަކާއި މުރާލިކަމަކީ ދިވެހިންގެ ޤާބިލިއްޔަތުކަން ދައްކުވާލާ ކަމެކެވެ. ދިވެހިން ކުރަމުންދާ މި ހުރިހާ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ލޯތަކަށް ދިވެހިން ފެނިގެންދަނީ ހުނަރުވެރި، ފަންނުވެރި އަދި ހީވާގި ބައެއްގެ ގޮތުގައެވެ.

ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި އެމުޖުތަމައެއްގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް މެހެމާންދާރީ އަދާކުރުމުގެ ރިވެތި ސިފަ މުޖުތަމައުގެ ފަރުދުންގެ ގައިގައި އަށަގަނެފައިވުމީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އިބްނު ބަތޫތާފަދަ ޞައްޔާހުންގެ ފަތްފުތްތަކަށް ނަޒަރެއް ހިންގާލާއިރު، ދިވެހިންނަކީ އިޖުތިމާއީ ފޭރާން ބާވެ ނުދިޔުމަށްޓަކައި މަސައްކަތްކުރާ ބައެއްކަން ހާމަވާނެއެވެ. އެބޭބޭފުޅުން ރަށަށް އަރައިގެން އަންނައިރު ފެނިގެންދާ މަންޒަރަކީ މަސްވެރިން ރަށަށްލަފާ މަސް ކެނޑުމުން މަސްވެރި އަންހެނުން އެމަސް ކައްކަން އަތުކުރި އޮޅާލާފައި ތިބޭ މަންޒަރެވެ. ކައިރި ހިސާބު އަތިރިމަތީގައި ކުޑަކުދިންތައް މަޖަލާއެކު މަޒާނެރެ ގޮނޑިކޮއްކޮ ކުޅެން އުޅޭ މަންޒަރާއި ހަވީރު ދަޅައިގައި އަންހެނުން ފޯރީގައި ބަށި ކުޅެން އުޅޭ މަންޒަރެވެ. ދިވެހިންނަކީ މުޖުތަމައިގައިވާ ތަފާތު މިންތިތަކާއި ފަންތިތަކުގެ ތަފާތުކުރުންތައް ނެތިކޮށް އިޖުތިމާއީ ރީތި އާދަތަކާއި ސިފަތަކުގައި ހިފަހައްޓާ ބައެއްކަމެވެ. މީގެ އިތުރުން އެޗްސީޕީބެލްގެ ފަތްފުންތަކުގައި ވިދާޅުވެފައިވާ ގޮތުގައި ދިވެހިންނަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާވި، ހިތްހެޔޮކަމާއި އެހީތެރިކަމުން ފުރިގެންވާ އަދި އަނެކުންނަށް އިޙުތިރާމް އަދާކުން ދަންނަ ބައެކެވެ. ރަށަށް ބޭރުން މެހެމާނެއް އަންނަ ނަމަ އުޖާލާ މޫނަކާއެކީ ދިވެހިން އެމީހާއަށް މަރުހަބާ ކިޔަނީ އުފަލުންނެވެ. ރަހަމީރު ތާޒާ ކުނރުބަލާ ނަލަ ކުލަތަކުން ޖަރީވެފައިވާ ވަސްމީރު މާފަތި ކަރުގައިއެޅުވުމަކީ ދިވެހިންގެ އިހު އާދައެކެވެ. އަދި މެހެމާނާގެ ހިތަށް ހިތްހަމަޖެހުމާއި ފިނިކަން ލިއްބައިދޭ  އާދައެކެވެ. މި އާދަތަކުގެ ސަބަބުން ދުނިޔެއަށް ދިވެހިން ފެނިގެންދަނީ އިޖުތިމާއީ ފޭރާން ވަރުގަދަ އަދި މެހެމާންދާރީ އަދާކުރުމުގައި މަޝްހޫރު ބައެެއްގެ ގޮތުގައެވެ.

އެހެންކަމުން ދުނިޔޭގެ ލޯތަކަށް ދިވެހިން ފެނިގެންދަނީ އެއްބައިވަންތަ، އެކަކު އަނެކެއްގެ އުފަލުގައި ބައިވެރިވެ، ކުރިމަތިވާ ހިތާމަތަކުގައި އެހީވާން ތައްޔާރަށް ތިބޭ އަދި ސައްތައިން ސައްތަ މުސްލިމް ބަޔެއްގެ ގޮތުގައެވެ. ހަމަ އެހެންމެ ދިވެހިންނަކީ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުން ފުރިގެންވާ، އިޖުތިމާއީ ފޭރާން ރަނގަޅު އަަދި މެހެމާންދާރީ އަދާކުރުމުގަައި އެފަދަ ދެވަނައެއް ނެތްފަދަ ބައެކެވެ. ވީމާ އަޅުގަނޑުމެން ކޮންމެ ދިވެހިި ދަރިޔެއްގެވެސް އަޒުމަކަށް ވާންވާނީ އަޅުގަނޑުމެންގެ މި ރީތީ ނަމާއި ލަޤަބު އެގޮތުގައި ދެމެހެއްޓުމެވެ. އަޅުގަނޑުމެންގެ ރީތި އަޚްލާޤިއްޔަތު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދީ ދިވެހިރާއްޖެ ނަން ތާރީޚުގައި ރަން އަކުރުން ފަވާލުމެވެ.