ހިންދު މާ ކަނޑުގައި ކުދިކުދި މުތީތަކެއް ފަދައިން ވިދަމުންދާ އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ދުނިޔޭގެ އެތައްބަޔަކު ދެކެމުން ދާއިރު، ސާފު ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ޗާލުވީ ފަރުތަކާއި ފެހިކަންގަދަ ގަސްތަކަކީ ދިވެހިރާއްޖެއަށް ލިބިފައިވާ ނިޢުމަތްތަކެއްކަމީ މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ޝައްކުކުރާނެކަމެއް ނޫނެވެ. މި ނިޢުމަތްތަކުން އަޅުގަނޑުމެން އެކި ގޮތްގޮތުން ފައިދާ ލިބިގަންނަމުންދާއިރު މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދިވެހިރާއްޖެ މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ، އެތައް ބައެއްގެ މަޤްބޫލުކަން ހޯދަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތެވެ.
އާދެ! ތަރައްޤީއާއި ތަހުޒީބުގެ ނަވު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ދަތުރުކުރަމުންދާއިރު ފަތުރުވެރިކަމުގެ ސިނާޢަތްވެސް ހަލުވިކަމާއެކު ހެދި ފޯދެމުންދެއެވެ. ދިވެހިރާއްޖެ ފުދުންތެރި ޤައުމަކަށް ހެދުމަށްޓަކައި މި ސިނާޢަތު އެތައް ގޮތަކުން އެހީވަމުންދާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންވަރު ރަނގަޅު މުޅިން އައު ރިސޯޓުތައް ދަނީ ތަރައްޤީ ކުރެވެމުންނެވެ. ނަމަވެސް ހިތާމައަކީ ބައެއް ރަށްތައް ނިމިގެންދާއިރު ކައިރީގައި ވައިގެ ބަނދަރެއް ނެތުމެވެ. ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ގޮތްތަކެއް ފަހިވެފައި ނެތުމެވެ. މިކަމުގެ ސަބަބުން އެ ރިސޯޓްތަކަށް އަންނަން ބޭނުންވާ އެތައް ފަތުރުވެރިންނެއް ނައިސް ތިބެން ޖެހިފައިވުމެވެ. މިއީ އަޅުގަނޑުމެންގެ މި ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުމަކަށް ވާއިރު މިމައްސަލަ ހައްލުކުރުމަކީ އިންތިހާއަށް ބޭނުންޖެހިފައިވާ ކަމެކެވެ. މިކަން ހައްލުކުރެވޭނީ ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނުވަތަ ރިސޯޓްތައް ގިނަ ސަރަހައްދުތަކުގައި ވައިގެ ބަނދަރުތައް ޤާއިމު ކުރެވިގެންނެވެ. ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ދިވެހިރާއްޖޭގެ ރަށްތައް ގުޅާލައިގެންނެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަކީ ދިވެހި އިޤްތިޞާދުގެ މައިނާރެވެ. މިއަދު މި ސިނާޢަތުގައި ވުނަކުރާނެ ވުނޭރުން އިތުރުވަމުންދާއިރު އެމީހުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ބަލައި އެކަމަށް ހައްލެއް ގެނެސްދީ ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ. ވުނޭރުންނަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑުއެއް ގޮންޖެހުމަކީ ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރުތައް މަދުވުމެވެ. މިހެންވުމުގެ ސަބަބުން ކަނޑުމަގުން އުފުލަންޖެހޭ ތަކެތި ސީދާ އެ ސަރަހައްދަކަށް ގެންދެވޭނެ ގޮތެއް ވަނީ ފަހިނުވެފައެވެ. ކަންމިހެން އޮތްއިރު ދިވެހިރާއްޖޭގައި ކަނޑުގެ ބަނދަރުތަކެއް އޮތުމުގެ މުހިއްމުކަން އަންދާޒާކޮށްލުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. އެހެނީ، އޭގެ ސަބަބުން މިއަދު ދިވެހި ފަތުރުވެރިކަން އޮތް ހަރުފަތަށްވުރެ އުސް ހަރުފަތަކަށް ވާޞިލްވުމަށް ފަސޭހަވެގެން ދާނެކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ 99 އިންސައްތަ ފެނުން ވަށާލެވިގެންވާ ޤައުމެކެވެ. އެއްރަށުން އަނެއްރަށަށް ކަނޑުހުރަސްކޮށް ދަތުރުކުރަން ޖެހިފައި ވާއިރު، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅާލަން ޖެހިފައިވެއެވެ. އެހެނީ އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް ބަލައިލިނަމަވެސް، މިއަދު ފަތުރު ވެރިންނަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑުއެއް ހުރަހަކީ ފަސޭހަކަމާއެކު ރާއްޖޭގެ ރަށްތައް ބަލައިލަންދާނެ ނިޒާމެއްނެތުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ މިއަދު ކޮންމެ ރިސޯޓެއްގައި ފަތުރުވެރިންނާއެކު ދަތުރުކުރާނެ އުޅަނދުތައް ބޭރުގެ ކުންފުނިތަކާއި ގުޅިގެން ހޯދަންޖެހިފައި ވަނީ ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތުމުންނެވެ. ނަތީޖާއަކަށް ވެގެންދަނީ ދިވެހިރާއްޖެއަށް އެތެރެވާންޖެހޭ އެތައް ފައިސާއެއް ބޭރުވެގެން ދިއުމެވެ. ކަންމިހެން އޮތުމާއި އެކު ރާއްޖޭގެ އެއްރަށް އަނެއްރަށާއި ގުޅާލައި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ ގޮތްތަކެއް މިވަނީ ހޯދަންޖެހިފައެވެ. އޭގެ ސަބަބުން ޤައުމުގެ ފަތުރުވެރިކަން ކުރިއަރައި ދާނެކަން ކަށަވަރެވެ.
ފަތުރުވެރިކަމަކީ މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމުގައި ވާއިރު، މި ސިނާޢަތް ފުޅާކޮށް ކުރިއަރުވަން ޖެހިފައިވެއެވެ. މިކަން ކުރެވޭނީ އަޅުގަނޑުމެންނަށް މިދާއިރާގައި ދިމާވަމުންދާ ދަތިތަކާއިމެދު ވިސްނައި އެކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކޮށްގެންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމާމެދަކު ޝައްކެއްނެތެވެ. ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރު އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ފުރިހަމަ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވިއްޖެނަމަ ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމުގެ ކުޅަދަނަކަން ދިވެހިރާއްޖެއަށް ލިބިގެންދާނެކަން ގައިމެވެ. ކުރަންވީހާވެސް ކަމަކީ ފަސްމަގުން ޢިބުރަތް ހާޞިލުކޮށް ކުރިމަގު ބިނާކުރުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ.