ޢިލްމުގެ ވާސިތާއިން ފަންނާއި ޤާބިލްކަން ހޯދުމަށް ފެންބޮވައިގެންފައިވާ މި ޒަމާނުގައި އެކަން ހާސިލްކުރެވެން އަދު ނުހަނު ގިނަ ވަސީލަތްތަކެއް އެބަވެއެވެ. ތަރައްގީގެ ޗޭނުފައްޗަށް ބޮޅަކަށްފަހު ބޮޅެއް އިތުރުވާ ބީދައިން ޢިލްމު ހާސިލްކުރުމަށްވެސް މިއަދު އާ އީޖާދުތަކާއި އެކީ ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރިބޯށިގައި އުޅޭ އިންޓަނެޓްވަނީ ތައާރަފްވެފައެވެ. އެންމެންގެ މަޤްބޫލުކަން ހޯދައި އެންމެހާ މީހުން އޭގެ އަވައިގައި ޖައްސައި އިންޓަރނެޓްވަނީ މީހުންގެ އަސާސީ ބޭނުންތަކާއި އަދު ގުޅިލާމެހިފައެވެ. ވަކިން ޚާއްސަކޮށް ކިޔެވުމާއި އުނގެނުމަށް އިންޓަރނެޓް މިއަދު ވަނީ ޒަރޫރީ ބޭނުންތަކުގެ ލިސްޓުގެ އެންމެ މަތީ ފަންތިން ޖާގަ ހޯދާފައެވެ. ކަންމިހެން އޮތުމާއިއެކު، އިންޓަރނެޓް ވަނީ ކިޔަވާކުދިންނަށް ޢިލްމު ހާސިލްކުރުމަށް އެންމެ ބަރޯސާވެފައިވާ އެއްޗަކަށް ވެފައެވެ.
މީލާދީ ސަނަތުން އެތައް ގަރުނުތަކެއް ކުރިން ޢިލްމު ހޯދުމަށް އެދުރުބޭބެމެންނާއި އެދުރުދައިތަމެން ގާތުން އެވޭލާއަކުރުތަކާއި ހިސާބު އަކުރުތަކުގެ ވިޔައިގެ ހަމަތައް ދަސްކުރުވަން ފުރުސަތު ލިބިގެންދިޔަކަމީ އެ މީހުންނަށް ލިބިގެންދިޔަކަމީ އެ މީހުންނަށް ކޮށިގެންދިޔަ މަގެކެވެ. ޢިލްމު ހޯދުމުގެ މަގު އޭރު ހަނިވެ މަދު ބަޔަކަށް އެ ފުރުސަތު ލިބިގެންދިޔަ ކަމުގައިވަނީ ނަމަވެސް މިއަދު ޢިލްމު ހޯދުމުގެ މަގުވަނީ ތަނަވަސްވެފައެވެ. ކޮންމެ ކުއްޖަކީ ޢިލްމީ ދަރިވަރަކަށްވެ ތަޢުލީމީ ރޮނގުން ރަން ވަނަތަކެއް ހާސިލްކޮށް، ކާމިޔާބީގެ ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުޞަތު އަދު މިވަނީ މަގުފަހިވެފައެވެ. އިންޓަރނެޓްގެ ޒަރިއްޔާއިން ތަފާތުއެކި ކޯސްތަކުގައި ބައިވެރިވެ ގޭގައިތިބެގެން މާސްޓަރސް އަދި ޕީ.އެޗް.ޑީ ގެ މަތީފަންތިތަކާ ހަމަޔަށް ދަތުރުކުރެވޭނޭކަމަކީ އަދުގެ މުޖްތަމަޢު ދައްކާފައިވާ ލާމަސީލު މިސާލެކެވެ. ވުމާއިއެކު އިންޓަރނެޓަކީ އަދުގެ ކިޔަވާކުދިންނަށް ކާމިޔާބު ހާސިލްކުރުމަށް ނުހަނު އަގުހުރި އެއްޗެކެވެ.
މަޢުލޫމާތުގެ ޚަޒާނާއިން ސިކުނޑި މުއްސަނދިކުރުމުގެ މަގު މިއަދު ފަހިވެފައިވަނީ އިންޓަނެޓްގެ ޒަރިއްޔާއިންނެވެ. ވިކެޕީޑިޔާ، އެންސައިކްލޮޕީޑިއާ އަދި ތަފާތު ބަސްބަހުން އެއް ބަހަކަށް ތަރުޖަމާކުރެވިފައިވާ ވެބްސައިޓްތައް އިންތިހާދަރަޖައަކަށް ގިނައެވެ. މިއިން ލިބިދޭ މަޢުލޫމާތު އެހާގިނައެވެ. މިލިބިދޭ އެތައްހާސް މަޢުލޫމާތަކީ ކުރިއަށްއޮތް ތަނުގައި އަދާކުރަންޖެހޭ ވަޒީފާއާއި ދިރިއުޅުމުގެ ކަންތަކާއިގެން ކުރިއަށްދިޔުމަށް ލިބިގެންދާނޭ ފަހި ފުރުޞަތެކެވެ. ހަމައެއާއެކު، މަޢުލޫމާތު މުއްސަނދިވެ، ދަރިވަރުންގެ ފެންވަރު ރަނގަޅުވެ، ކިޔެވުމަށް ކުރިއަށްވުރެ ޝައުޤުވެރިވެ، ޖާނާމާލުދީގެންނަމަވެސް ކުރިއެރުން ހޯދުމަށް ޢަޒުމް ކަނޑައެޅޭނެއެވެ. އެހެންކަމުން، އިންޓަރނެޓްގެ ޒަރިއްޔާއިން މި ލިބިދޭ މަޢުލޫމާތުތަކަކީ ދުރާލައި މީހާ ދިރިއުޅުން ފުއްދުންތެރިގޮތެއްގައި ވޭތުކުރުމަށާއި މަތީ ފަންތީން ކާމިޔާބުވުމަށް ނުހަނު މުހިންމު އެއްޗެކެވެ.

ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮރޯނާ ވައިރަސް މިވަނީ އިންސާނީ ދިރިއުޅުން އަދު އޭގެ މުށުތެރެއަށްލައި ހަފުސްކޮށްފައެވެ. ކުރީދުވެލީގައި ދަތުރުކުރަމުންދިޔަ ހުރިހާ ސިނާއަތްތަކާއި ދާއިރާތައް މިކަމުގެ ސަބަބުން މަޑުޖެހިފައިވި ކަމަށްވިނަމަވެސް، ކިޔެވުންދަނީ ކުރީދުވެލީގައި ބާރަށް ފިޔަޖަހަމުންނެވެ. ދުރަށް ވިސްނައި ތަޢުލީމީ ވުޒާރާތަކުންވަނީ ގޭގައިތިބެގެން ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވާފައެވެ. ފައްސިވާމީހުންގެ އަދަދު ގިނަވެ ގައުމު ފުރަބަންދަށް ދިޔަކަމަށްވިނަމަވެސް، ތަޢުލީމް ލިބިގަތުމާއި ހާސިލްކުރުން ވަނީ އިންޓަރނެޓްގެ ޒަރިއްޔާއިން މަގުފަހިވެފައެވެ. ދަތިތަކާއި ކުރިމަތިލާންޖެހި ތަނަވަސް ދިރިއުޅުމެއް ވޭތުކުރުމުގެ ފުރުޞަތު ނުލިބި ރާއްޖޭގެ ވެރިރަށް، މާލޭގައި ތިބި ގިނަ ދިވެހިން އަމިއްލަ ރަށަށް ދިރިއުޅުން ބަދަލު ކުރިނަމަވެސް ރަށުގެ ހޮޅުއަށީގައި ތިބެގެންނާއި، ތާޒާވައި ހޯދަން ޖޯލިފަތީގައި ތިބޭ ތިބުމުގައިވެސް ތައުލީމު ހާސިލްކުރެވޭ ކުރެވުމަކީ ހަމަ އިންޓަރނެޓްގެ ޒަރިއްޔާއިން އަދު ފަހިވެފައިވާކަމެކެވެ. މިކަންކަމުން ސާބިތުވަނީ ކޮންމެ ދަނޑިވަޅެއްގައިވެސް އިންޓަރނެޓަކީ ދިރިއުޅުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ.
ސްކޫލްގައި މުދައްރިސުންގެ ފަރާތުން ކިޔެވުމަށްލިބިދޭއެހީގެ އިތުރުން ޓިއުޝަންތަކުން އެހީ ހޯދުމަށް ގިނަ ދަރިވަރުން އިޚްތިޔާރު ކުރެއެވެ. ޓިއުޝަން ކުލާސްތަކުގައި ބައިވެރިވުމުގެ ފުއްދުންތެރިކަން ލިބިފައިނުވާ ދަރިވަރުންނަށް އިންޓަރނެޓް މެދުވެރިކޮށް ޓިއުޝަންތަކުން ލިބިދޭ އެހީއާ އެއްފަދަޔަށް މަދަދު ހާސިލްކުރުމުގެ މަގުވަނީ ފަހިވެފައެވެ. އަތުން އެއްވެސް ހޭދައެއް ނުކޮށް އިންޓަރނެޓްގެ އެކި ވެބްސައިޓްތަކުން ކިޔެވުމަށް ބޭނުންވާ އުކުޅުތައް ފުރިހަމަ ގޮތެއްގައި ލިބެއެވެ. އަދި ހަމައެގޮތުން ޝާއިއު ކުރެވިފައިވާ ތަސްވީރުތަކާއި ވީޑިޔޯގެ ޒަރިއްޔާއިން ތަފްސީލީ ގޮތެއްގައި ފިލާވަޅުތަކެއް ދެނެގަތުމަށް ޓިއުޝަން ކްލާސްތަކަށްވުރެވެސް މާ ފުޅާދާއިރާއެއްގައި އިންޓަރނެޓް މެދުވެރިކޮށް ދޭހަވެގެންދެއެވެ. އެގޮތުން އަމަލީ ފަރިތަކުރުންތަކާއި، ކިޔެވުމާއި ގުޅުންހުރި ތަފާތުއެކި ކުއިޒްތަކެއްވެސް އިންޓަނެޓްގެ ސަބަބުން ފަރިތަކުރެވިގެންދެއެވެ. ކަންމިހެންއޮތުމާއިއެކު، އިންޓަރނެޓަކީ ކިޔަވާކުދިންނަށް އަގުވަޒަންނުކުރެވޭވަރު އެއްޗެކަށް މިއަދު ވެފައިވާކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ.
ދުނިޔެ މިއަދު ދެކެމުންމިދާ ތަރައްގީއާއި ތަހުޒީބަކީ އިންޓަރނެޓް ގެ އަވައިގައި ކިޔަވާ ކުދިންޖެހުމުގެ ސަބަބުންނެވެ. މަތީ ފަންތިތަކުގައި ޒިންމާއަދާކުރަން ލިބުމުގެ ފުރުސަތުވެސް އެންމެ ފުރިހަމަ ގޮތުގައި ލިބިދެނީ އިންޓަރނެޓްގެ ޒަރިއްޔާއިންނެވެ. މައުލޫމާތު މުއްސަނދިވެ ފުޅާ ދާއިރާއެއްގައި ވިސްނުން ދެމެހެއްޓެނީވެސް ހަމަ އިންޓަރނެޓްގެ ސަބަބުންނެވެ. ދިރިއުޅުމުގައި ދިމާވާ ހުރިހާ ދަތިތަކާއި ބަލިމަޑުކަމުގައިވެސް ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވެން މަގުފަހިވާ ސަބަބަކީވެސް މިއެވެ. އަދި ހަމަ އެހެންމެ، ފިލާވަޅުތައް ޓިއުޝަންތަކުގެ އިތުރު ޚަރަދުތަކަކާނުލައި ފަހުމްކުރުމަށްވެސް އިންޓަރނެޓް ގެ ދައުރު އެހާމެ ބޮޑެވެ. ވުމާއެކު، އިންޓަރނެޓަކީ އަދުގެ ކިޔަވާކުދިންނަށް މާވަހަރެކޭ އެއްފަދައަށް އަގުހުރި، ޒަރުރީބޭނުމެއްގެ ގޮތުގައި ނަންގަނެވިފައިވާ އެއްޗެކެވެ.